އެމެރިކާގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޚްސިއްޔަތުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
މިއަދު އާންމުކުރި މި ލިސްޓަކީ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ މެގަޒިންއިން ނެރުނު ތިންވަނަ ލިސްޓެވެ.
ރައީސް މުއިއްޒު މި ލިސްޓުގައި ހިމެނިވަޑައިގަތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ވަކިން ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ. އެގޮތުން ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުން.
- ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކުރުން.
- 2007 ވަނަ އަހަރަށްފަހު އުފަންވި ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުން.
- ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުން.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މީގެ ކުރިން އެމަނިކުފާނަށް ހާއްސަ އެވޯޑެއް އަރުވާފައެވެ.