ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް އަލަށް އިތުރުކުރި 2 ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މާރިޗު މަހުގެ ތެރޭގައި ފޯމު ހުށައެޅުމަށް ހުޅުވާލާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހުޅުވާލެއްވުމަށް ނިންމެވި މި ފުރުޞަތަކީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށްކަމަށެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލިވޭނެ ކެޓަގަރީއަކާއި އަދި ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން ބިން ދޫކޮށްލާގޮތަށް ވަކިން ހުށައެޅޭނެ ކެޓަގަރީއެއް އިޢުލާނުކުރުމަށް ނިންމާފަވާކަމަށެވެ. މިއިން ކޮންމެ ދާއިރާއަކުން 1000 ގޯއްޗަށް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.
މިކަމުގެ ތަފްސީލު ޙިއްސާލުރައްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.މުޠަލިބް ވިދާޅުވީ، މި ކެޓަގަރީތަކާއި ގުޅޭ އުސޫލުގައި ހިމަނާނެ ޝަތުރުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައާޅާ، އުސޫލު ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މި ކެޓަގަރީގައި، އަނބިމީހާ/ފިރިމީއަށް ކުރިން ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ނަމަވެސް ކުރިމަތިލެވޭނެއެވެ.
"ރޯދަ މަހުގެ ކުރިން އުސޫލު އާއްމު ކުރެވޭތޯ މަސައްކަތްތައް މި ގެންދަނީ. މަރިޗުމަހުގެ ކުރީކޮޅު ފޯމު ހުށައެޅުމަށް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުން. މީގެ މުޅި ވިސްނުމަކީ ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޖޮއިންޓްކޮށް މީގެ ކުރިން ފްލެޓް ލިބިފަވާ ދެމަރިން ނަމަ، އެކަމުގައިވެސް ކަން ކުރެވޭނެ ގޮތެއް ބަލަމުންދާކަމަށެވެ.