އެޗްޑީސީއަށް 25 އަހަރު ފުރުމުގެ ކެމްޕޭން އިފްތިތާހު ކުރުން

އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި

މުހައްމަދު ހަމީޒް
 
8 ދުވަސް ކުރިން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރޭ ރިހި ޔޫބިލް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެޗްޑީސީ އިމާރާތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެޗްޑީސީގެ ރިހިޔޫބިލްއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ދައްކާލައިފައެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެޗްޑީސީގެ ރިހިޔޫބިލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ވަނީ ދައްކާލައިފައެވެ. މި އަހަރުގެ ރިހި ޔޫބިލްގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ކަނޑުން ރިހިއައްސޭރިއަށް" މިއެވެ. މި ޝިއާރަކީ ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް ހިއްކައިގެން، ޒަމާނީ ސިޓީއެއް ބިނާކުރުމަށް އެ ކުންފުނިން ކުރި ބުރަ މަސައްކަތާއި ތަރައްގީގެ ދަތުރު ރަމްޒުކޮށްދޭ ޝިއާރެކެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވަނީ، ފުރިހަމަ ސިޓީއެއް ތަރައްގީކުރުމުގައި އެޗްޑީސީން އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ކުންފުނިން ކުރި މަސައްކަތަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރަސްމިއްޔާތުގެ ތެރެއިން އެޗްޑީސީގެ ތާރީހާއި ހުޅުމާލޭގެ ތަރައްގީގެ އެކި މަރުހަލާތައް ވަރަށް ތަފްސީލީ ގޮތެއްގައި ދައްކުވައިދޭ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅައިފައެވެ. މި ވީޑިއޯގައި ހުޅުމާލެ ބިން ހިއްކުމުން ފެށިގެން، މިއަދު ފެންނަން އޮތް ޒަމާނީ ސިޓީއަކަށް އެ ތަން ބަދަލުވެގެން ދިޔަ ގޮތް ވަނީ ފެނިގެން ގޮސްފައެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި އާންމުންނަށް ބައިވެރިވެވޭނެ އިޖުތިމާއީ ހަރަކާތްތަކާއި، ކުޅިވަރުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިމެނޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.