ރޯދަމަހާ ދިމާކޮށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ "ރޯދަ ބާޒާރު ފެސްޓިވަލް" އިން އައު ކެޓަގަރީއެއްގެ ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ، މީގެ ކުރިން ކުރެވުނު އިއުލާންތަކާ ގުޅިގެން އެ ބާޒާރުން މިހާރު އިތުރުކުރެވިފައިވަނީ "މިސެލޭނިއަސް ކެޓަގަރީ" އެއް ކަމަށެވެ. މި ކެޓަގަރީގައި ކާބޯތަކެތީގެ ބާވަތްތައް (އެފް އެންޑް ބީ) ވެސް ހިމެނޭ ގޮތަށް ޖުމްލަ 10 ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، މިސެލޭނިއަސް ކެޓަގަރީގެ 10 ފޫޓް 10 ފޫޓްގެ ސްޓޯލެއްގެ އަގަކީ 5,000 ރުފިޔާއެވެ.
މި ކެޓަގަރީގެ ސްޓޯލްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރޭ 21:00 އިން ފެށިގެން މާދަމާ ރޭ 21:00 އާ ހަމައަށެވެ.
ސްޓޯލްތަކަށް އެދި ފޯމު ހުށަހަޅަންޖެހެނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަނުގެ ނަމްބަރު 1516 އަށް ގުޅުމަށް ވަނީ އެދިފައެވެ.
އެޗްޑީސީން ބުނީ މި ފެސްޓިވަލަކީ އާންމު ވިޔަފާރިވެރިންނަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި މުދާ އިޝްތިހާރުކޮށް ވިއްކުމަށް ލިބޭނެ ބޮޑު ފުރުސަަތެއް ކަމަށެވެ. އަދި މި ބާޒާރުގެ ސަބަބުން ރޯދަމަހުގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެތި ފަސޭހަކަމާއެކު ގަންނަން ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.