60 ފަހަރު ރާއްޖެ ޒިޔާރާތްކުރި އިނގިރޭސި ދެމަފިރިންގެ މަރާއެކު ސިހުމެއް

ނާއިފް ހަލީމް
 
13 ގަޑިއިރު ކުރިން

ފަސްދޮޅަސް ވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ދެމަފިރިން ޑައިވްކުރަނިކޮށް ރާއްޖޭގައި މަރުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް'އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ މަހު އެ ދެމަފިރިން މަރުވީ، އއ. އެއްލައިދޫ ބައި ސިނަމަވަން ރިސޯޓު ކައިރީގައި ހިނގި ހާދިސާއެއްގައެވެ.

އެއީ 70 އަހަރުން މަތިވެ ރިޓަޔާކޮށްފައިވާ އިލެއިން ރިޗްމަންޑާއި ފިރިމީހާ، މެލްކަމް ރިޗްމަންޑެވެ.

އެ ނޫހުން ބުނީ، މިދިޔަ މަހު 19 ގައި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ނޭނގޭ ކަމަށާއި އެ ދެމަފިރިން ފެނުނީ ކަނޑުމަތިން އޮޔާދަނިކޮށް ކަމަށެވެ. އެ މީހުން މޫދުން ނެގިއިރު، އަންހެން މީހާ އޮތީ މަރުވެފައި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި، ފިރިހެން މީހާ މަރުވީ، ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސް ފަހުން ހޮސްޕިޓަލުގައެވެ. އެއީ، މިދިޔަ މަހު 22 ވަނަ ދުވަހެވެ.