ބަންގްލަދޭޝުން އޮންއެރައިވަލް ވިސާ ދިނުން މެދުނުކަނޑަން ނިންމައިފި

ނާއިފް ހަލީމް
 
14 ގަޑިއިރު ކުރިން

 ބަންގްލަދޭޝްއިން ވަގުތީ ގޮތުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް އަނބުރާ ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ބަންގްލަދޭޝްގައި އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން މާދަމައިން ފެށިގެން އަންނަ މަހުގެ 15 އާ ހިސާބަށް ހުއްޓާލަން ނިންމިކަން ހާމަކުރީ އިއްޔެއެވެ. އެހެންވެ، އެ ކަމަށް ސަމާލުވާން އިއްޔެ ދިވެހި ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމަކު، ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި އެ ގައުމުން ވަނީ ބަންގްލަދޭޝްގެ ނިންމުން ބަދަލުކޮށްފައެވެ.

އެހެންވެ މިހާރު އަލުން، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހީންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.