ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ފަށާފައިވާ ބިޔަ މަޝްރޫޢުގެ ދަށުން، ދެވަނަ ސެގްމެންޓްގެ މަސައްކަތް ކަމުގައިވާ ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމާލުމަށް ވަނީ ނިންމާފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ވާ ދުވަހެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، ރޯދަ މަހުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރާނެއެވެ. މި ސަރަޙައްދު ތަރައްޤީކުރާނީ ވެސް ބޮޑުތަކުރުފާނު މަގުގެ އެހެން ބައިތައް ވެސް ތަރައްޤީކުރާ ގޮތަށް، ހަތަރު ލޭން ހިމެނޭ ގޮތަށް އެއްގަމު ތޮށި ބޭރަށް ޖައްސައިގެންނެވެ. ދެވަނަ ސެގްމެންޓުގެ މަސައްކަތުގެ ދަށުން ތަރައްޤީކުރާނީ މަސްމާރުކޭޓާއި ހަމައިން ފެށިގެން ނޯތު ހާބަރު ހިމެނޭ ސަރަޙައްދާ ހަމައަށެވެ.
ބާޒާރުމަތީ ސަރަޙައްދަކީ ރަމަޟާން މަހު ވަރަށް ބޮޑަށް ބާރުބޮޑުވާ ސަރަޙައްދަކަށް ވާތީ، ރޯދަ މަހުގެ ކުރިން މި މަސައްކަތް ނިންމާލުމަކީ އާއްމުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މުޅި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ފެށީ އޮގަސްޓް 21 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތަރައްޤީކުރި އެމްއެމްއޭ ސަރަޙައްދުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ، އިއްޔެ ވަނީ އާއްމުންނަށް ހުޅުވާލައިފައެވެ. އެ ސަރަޙައްދު ހުޅުވާލުމާއެކު، އެ ސަރަޙައްދުގެ ފަޅު ވެސް މިހާރު ވަނީ ބޭނުންކުރަން ފަށައިފައެވެ. ޖާގަ ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ސަބަބުން އެ ސަރަޙައްދުގައި ކުރިން އޮތް ޓްރެފިކްގެ މައްސަލަތަކަށް މިހާރު ވަނީ ޙައްލެއް ލިބިފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތެކެވެ. މާލޭގެ މަލަމަތި ހިތްގައިމުކޮށްލާނެ މި މަޝްރޫޢުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ.