17 ކިލޯގެ ޑްރަގްއާއި އެކު ހައްޔަރުކުރި މީހާ - - ފޮޓޯ: ފުލުހުން

17 ކިލޯގެ ޑްރަގްއާއި އެކު ދިވެއްސަކު ހައްޔަރުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
10 ދުވަސް ކުރިން

އެމްޕީއެލް ޓަވަރެއްގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކަށް އަނިޔާ ކުރާ ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާލެއަށް ނިސްބަތްވާ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު ފިރިހެނަކަށް އަނިޔާ ކުރާ ކަމުގެ އަޑު އިވޭ ކަމަށް ބުނެ މައުލޫމާތު ލިބުނެވެ. އެ ރިޕޯޓާ ގުޅިގެން އެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 17.3 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މާއްދާތައް ފެނިފައިވެއެވެ.

ނަމަވެސް، ފުލުހުން އެތަނަށް ދިޔަ ވަގުތު އެހެން މީހަކު އެތާނގައި ނެތް ކަމަށާއި، އެޕާޓްމަންޓުގެ ތެރޭގައި ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުން އުފައްދާފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ފުލުހުން އިތުރަށް ބުނެފައިވެއެވެ.

ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގެ މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު، މިފަދަ ކުށްތަކުގައި ޒުވާނުން ވެސް ހައްޔަރުކުރެވެއެވެ.