ދިވެހި ސިފައިންގެ ޚިދުމަތަށް އަލަށް ގެނެވުނު ޑްރޯންތަކުގެ ޓެސްޓް ފްލައިޓްތައް ފަށައިފިއެވެ. މި ޑްރޯންތަކަކީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ "ބައިރަކްތާރު އަކިންޗީ" މޮޑެލްގެ ތިން ޑްރޯނެވެ.
މި ޑްރޯންތައް ރާއްޖެއަށް ގެނެވިފައިވަނީ ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ އިލްޔޫޝިން އައިއެލް-76ޓީޑީ މަރުކާގެ މަތިންދާބޯޓަކުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މިއީ މިދިޔަ އަހަރު ތުރުކީން ގެނެވުނު ޑްރޯންތަކުގެ އިތުރުން، ދައުލަތުން ބޮޑު ޚަރަދެއް ކޮށްގެން ގެނެވުނު އިތުރު ޑްރޯންތަކެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ޑްރޯންތައް އޮޕަރޭޓްކުރެވޭނީ އައްޑޫގައި ގާއިމުކުރެވޭ ސިފައިންގެ ވައިގެ މަރުކަޒުންނެވެ. މި މަރުކަޒު ހުޅުވުމަށް ބެލެވެނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މި ތާރީޚާ ދާދި ގާތުން ރައީސް މުޢިއްޒު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެވެއެވެ.
މި ޑްރޯންތަކާއެކު ގްރައުންޑް ކޮންޓްރޯލް ޔުނިޓެއް ވެސް ގެނެވިފައިވާކަން ފާހަގަކުރެވެއެވެ. މި ޑްރޯންތަކުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދިއުމެވެ.
އައްޑޫގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ޑްރޯން ބޭސްއަކީ ދިވެހިރާއްޖޭގެ ދެކުނު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.