ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޝައުފާ އާއި އަފީފު އައްޔަންކޮށްފި

އާއިޝަތު އަނާ ރަޝީދު
 
29 ދުވަސް ކުރިން

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އިބްރާހިމް އަފީފް އަދި ގާނޫނީ ދާއިރާ ތަމްސީލުކުރާ މެންބަރުކަމަށް ޝައުފާ އިބްރާހީމް އައްޔަނުކުރައްވައިފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ބޭފުޅުންނަށް ވަނީ މަޖިލީހުގެ ރުހުން ލިބިފައެވެ. އިބްރާހިމް އަފީފްގެ ނަމަށް ނެގުނު ވޯޓުގައި ބައިވެރިވި 53 މެންބަރުން ވަނީ އެއްއަޑަކުން އެ މަގާމަށް އޭނާ އައްޔަނުކުރުމަށް ތާއީދުކުރައްވާފައެވެ.

ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް މުއިއްޒު ވަނީ ހަތް ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ހިމެނޭ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ކޮމިޓީ މަރުހަލާގައި 97 އިންސައްތަ މާކްސް ލިބިވަޑައިގެން އެންމެ މަތީ ވަނައަށް ގޮސްފައިވީ ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ ތެރެއިން 41 މެންބަރުން ވަނީ އޭނާ އައްޔަނުކުރުމާ ދެކޮޅަށް ވޯޓުދެއްވާފައެވެ.