މުސްލިމުން ވާން ޖެހޭނީ ބުނާ ބަހުންނާއި ކުރާ އަމަލުން ސަވާބު ހޯދާ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ދީފައި ވަނީ، މުއުމިނުންގެ ބަސް މަގުގެ މައްޗަށެވެ.
ޚުތުބުގައި ބުނީ، އާޚިރަތް ދުވަހަށް އީމާންވާ މީހާ ބުނާނީ ހެޔޮ ބަސް ކަމަށެވެ. އެގޮތުން، އަހަރެމެން ބުނާ ބަސްތަކާއި ކުރާ އަމަލުތައް އަބަދުވެސް ލިޔެވޭނެ ކަމަށާއި އެ ތަކެތި އޭގެ އަހުލުވެރިންނަށް ދެއްކޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ސާބިނުވާ ދޮގު ވާހަކަ ދެއްކުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާކުރާ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން، މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެއް ކަމަށް ޚުތުބާ ބުންޏެވެ.
"އޭގެ ކުރީން އެ ވާހަކައެއްގެ ޙަޤީޤަތަކީ ކޮބައިތޯ ބަލާން ޖެހޭނެ. އެއީ ހަމަ ހިނގި ކަމެއްތޯއާއި ކިހިނެއް ހިނގިކަމެއްތޯ ބަލަން ޖެހޭ. އިސްލާމް ދީނުގައި ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރުމުގެ މިނިވަންކަން ދެއްވައިފައިވަނީ މި ކަންކަމަށް ރިޢާޔަތްކޮށްގެން" ޚުތުބާގައި ބުންޏެވެ.
އެއާއެކު، މިހާރުގެ ހާލަތުގެ މައްޗަށް ވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. މި ޒަމާނަކީ ވާހަކަތައް ފަތުރާލަން ވަރަށް ފަސޭހަ ޒަމާނެއް ކަމަށްވާއިރު، ވާހަކައެއް ފަތުރާލަން ބޭނުންވަނީ މަދު ހިނދުކޮޅެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
އެވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބާލުމުން މުޅި ދުނިޔެއަށް އެކަމެއް އާންމުވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންވެ، ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ފާފަވެރިވެދާނޭ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.