މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ޚުތުބާ

ނާއިފް ހަލީމް
 
5 މަސް ކުރިން

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން އާކޮށްދީފިއެވެ.

މިއަދު ޚުތުބާ ކިޔާފައިވަނީ މުޖުތަމައު އިސްލާހުކުރުމުގައި އެންމެންގެ ޒިންމާގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، މުޖުތަމަައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެެއިން އެއް ކަމަކީ މައިންބަފައިންނަށް އުރެދި، އެ ބައިމީހުންނަށް ނުކިޔަމަންތެރިވުން ކަމަށެވެ. އަދި، މުސްކުޅިވީ ދުވަހު ވެސް ބައެއް މީހުން އެބައިމީހުންގެ މައިންބަފައިންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

"މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުންނެވެ،" ޚުތުބާގައި ބުންޏެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި ބަރަކާތްލައްވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެބައިމީހުންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށެވެ. އެހެންވެ، މައިންބަފައިން ނިކަމެތިކޮށް ދޫކޮށްނުލާން ވަނީ ނަސޭހަތްތެރިވެފައެވެ.

"ވިސްނުން ބަދަލުކުރާށެވެ! ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާށެވެ! މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައިގެ ބާރު ދެރަވެފައެވެ. ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ވެސް ޚުތުބާގައި ވަނީ މުޖުތަމައުގައި ހިނގާ މި ނޫން ވެސް ނޭދެވޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.