ކީރިތި ރަސޫލާއަށް އިހުތިރާމުނުކުރާ މީހުންގެ އަމަލުތައް ބާތިލުވެދާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލީ، ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ ވާހަކައިގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ޖިންނީންނާއި އިންސާނުންނަށް ތެދު މަގު ދެއްކެވުމަށްޓަކައި ފޮނުއްވި ކީރިތި ރަސޫލާ ދެކެ ލޯބިވުމަށް ﷲ އަންގަވާފައިވަނީ، ސަބަބުތަކެއް ނެތިއެއް ނޫން ކަމަށެވެ. އެގޮތުން، ޚުތުބާގައި ވަނީ ކީރިތި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތް ގޮތް ސިފަކޮށް، ކިޔައިދީފައެވެ.
ޚުތުބާގައި ބުނީ، އޭރު ދުނިޔެ އޮތީ ޖާހިލުކަމުގެ އަނދިރިން ފުރިފައި ކަމަށާއި ބާރާއި ތަނަސްވަނަސްކަން އޮތީ ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށެވެ. އަދި، ރިބާ ކެއުމާއި ބުދަށް އަޅުކަންކުރުން އިންތިހާއަށް އޭރު އޮތްކަން ޚުތުބާގައި ފާހަގަަކުރިއެވެ.
އިސްލާމީ ދީން އައުމުގެ ކުރިން އަންހެން ދަރިން ދިރިތިއްބައި ވަޅުލުމަކީ އަރަބީންގެ ތެރޭގައި ހިނގިކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އޭރު އެފަދަ އެތައް ކަމަކާ ހެދި މީސްތަކުން ތިބީ ހިދާޔަތަށް ކެތްމަދުވެފައި ކަމަށެވެ.
މީސްތަކުން އެފަދަ ހާލަތެއްގައި ވަނިކޮށް، ތެދުމަގައިގެން ފޮނުއްވި ކީރިތި ރަސޫލާ ގެނެސްދެއްވި އިސްލާމް ދީނުގައި އިންސާފާއި ހަމަހަމަކަން އޮތް ކަމަށާއި އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމައު އެކުވެރިވި ކަމަށް ޚުތުބާގައިވެއެވެ.
މީގެ އިތުރުން، ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ތަނަސްވިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ރަސޫލާ ދެކެ ލޯބިވާން ޖެހެނީ އެ ސަބަބުތަކަށްޓަކައިކަން ޚުތުބާގައި ފާހަގަކުރިއެވެ.