ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭ މަޝްވަރާތައް ނިމިފައިވާ ކަމަށް ޗަައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އިއްޔެ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް އިއްޔެ ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންގް ވިދާޅުވީ، ޗައިނާއަށް ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނި ފަސްކުރުމުގެ މަޝްވަރާތައް ދެ ގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ކުރިއަށް ގެންގޮސް، މަޝްވަރާތައް ނިމިފައިވާ ކަމަށެވެ.
އެ މަޝްވަރާތަކާ އެކު ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށް، ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސަފީރު އިއުލާނު ކުރެއްވި އެވެ.
މިއީ ޗައިނާ އިން ރާއްޖޭގެ މާލީ ހަމަޖެހުމަށްދޭ އަހަންމިއްޔަތު އެކަނި ނޫން ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ދޭ ސަޕޯޓެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވަނީ ރާއްޖޭގެ ތަރައްގީއަށް ޗައިނާ އިން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ އެހީގައި އިތުރު މަޝްރޫއުތަކެއް ފެށޭނެކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސަފީރު ފާހަގަކުރެއްވީ:
ވިލިމާލޭގައި އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑިޝިޕް ހޮސްޕިޓަލް
މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު
50 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމުގެ މަޝްރޫއު