ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލު ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މިއަދު ވެސް ސިއްރުކުރުމާ ދެކޮޅު ހެދި ނޫސްވެރިން، ގަދަކަމުން ބައްދަލުވުމުން ނެރެލައިފިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު މީކާއިލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނޫސްވެރިންތަކެއް ކޮމިޓީ އޮތް ކޮޓަރިން ނެރޭ ވީޑިއޯއެއް އާންމުކުރައްވައިފައެވެ.
އެ ވީޑިއޯއިން ފެންނަނީ މަޖިލިސް ސެކިއުރިޓީއިން ނޫސްވެރިން ގަދަކަމުން ނެރޭ ތަނެވެ. އޭގެ ތެރޭ ދައުރު ނޫހުގެ ބައެއް ނޫސްވެރިންނާއި އަދަދު ނޫހުގެ ނޫސްވެރިއަކު ހިމެނެއެވެ. ގަދަކަމުން ނެރެމުން ދިޔައިރު ނޫސްވެރިން ވަނީ އަނިޔާ ނުކުރަން ގޮވައިލައިފައެވެ.
އެއާއެކު މިހާރު، ނޫސްވެރިން އެއްވެ ތިބީ ރައީސް އޮފީސް ކުރިމަތީ ހުންނަ ނޫސްވެރިންގެ ފެންޑާގައެވެ.
އިއްޔެ ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ އެ ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. އެހެންވެ މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭރު، ކޮމިޓީ ބައްދަލުވުމުގެ އަޑުއަހަން ވަރަށް ގިނަ ނޫސްވެރިން ކޮމިޓީއަށް ގޮސް ތިއްބެވެ. ނަމަވެސް ސިއްރުކުރަން ނިންމުމުން އެކަމާ ނުރުހުން ފާޅުކޮށް، ނޫސްވެރިން ވަނީ މަޖިލިސް ދޮށުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.