ދަރަނީގެ ސްޓޮކް ތާރީހިގައިވެސް އިތުރުވެފައިނުވާ ވަރަށް އިތުރުވެފައިވީ ނަމަވެސް، މިކަމުން ދައްކާލެވޭނެ މާބޮޑު ތަރައްގީއެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވެފައިވަނީ މިހާރު ޤައުމު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ ހާލަތަކީ މައިގަނޑު ގޮތެއްގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށެވެ.
އެމްޕީ އަޒާން ފާހަގަކުރެއްވި ގޮތުގައި 2019 އިން 2023 އަށް، ދަރަނީގެ ސްޓޮކް 56.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އިތުރުވުމެވެ. ނަމަވެސް މި ދަރަނިން ދައްކާލެވޭނެ މާބޮޑު އެއްޗެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
https://x.com/axanner/status/1964628634871996858?s=46
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދަރަނީގެ ބޮޑު ބައެއް ހޭދަކުރެވިފައިވަނީ އިޤްތިޞާދީ ފައިދާއެއް ނުލިބޭ މަޝްރޫޢުތަކަށެވެ. އަދި ވަރަށް ގިނަ ބައެއް ކޮރަޕްޝަނަށް ގެއްލިފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސަބަބުތަކާ ހުރެ މިހާރުގެ ސަރުކާރުން އޭގެ އަގު ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.
އެމްޕީ އަޒާން ހާމަކުރެއްވި ގޮތުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި އެކަނި ދަރަނި އަދާކުރުމަށް 20 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހޭދަކުރެވިފައިވެއެވެ. "މިއީ ޤައުމުގެ ތަރައްޤީއަށް ބޭނުންކުރެވިދާނެ ފައިސާ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު ދަރަނިވެރިން ކަމުގައިވާ އިންޑިއާ އަދި ޗައިނާއާއެކު ފައިސާ ދެއްކުން ފަސްކޮށް އަލުން ރޭވުމަށް ކާމިޔާބުކަމާއެކު މަޝްވަރާކުރެވިފައިވެއެވެ. އަދި 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކްވެސް އަލުން ފައިނޭންސްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޕީ އަޒާން ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ އިސްވެރިން މިހާރު ވާހަކަދައްކަނީ އެމީހުންނަކީ ފައިނޭންސިންގ ހޯދުމުގެ މާހިރުންހެންނެވެ. ނަމަވެސް "ދުނިޔޭގެ ރައީސް" ކަމަށް ބުނާ އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރުކަން ކުރިއިރު، ސޯލިހުގެ ސަރުކާރަށް ކޮންމެ އަހަރަކުވެސް ލަފާކުރި ހިލޭ އެހީގެ 20 އިންސައްތަވެސް ހޯދުމަށް ނާކާމިޔާބުވި ކަމަށް ވިދާޅުވިއެވެ.