ސްރީލަންކާގައި ކުރިއަށްދާ ''ސައުތު އޭޝިއަން ސުޕަރ ކަޕް 2025'' ގައި ވާދަކުރަމުންދާ ދިވެހި ޤައުމީ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޯނުކޮށް ހިތްވަރުދެއްވުމާއެކު ހެޔޮއެދުންތައް ފާޅުކުރައްވައިފިއެވެ.
މިއަދު ހެނދުނު ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި، އިއްޔެގެ މެޗުން ލިބުނު ކާމިޔާބީއަށް މަރުޙަބާ ދެންނެވިއެވެ. އަދި ކުރިއަށް އޮތް މުބާރާތުގެ މެޗްތަކުގައި ކާމިޔާބު ހޯދުމަށް ފޯރިއާއެކު މަސައްކަތްކުރުމަށް އިރުޝާދު ދެއްވިއެވެ. އަދި ދިވެހި ފުޓްބޯޅައަށް އިތުރު ކާމިޔާބީތަކެއް ހޯދުމަށް ޤައުމީ ރޫޙާއެކު މަސައްކަތްކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މުޢާމަލާތަކީ ޓީމަށް ލިބުނު އިތުރު ހިތްވަރަކާއި އުފަލެއްކަމަށް ކޯޗް މޯހަން ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް، ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށް ފަޚުރުވެރިކަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗުގައި އިތުރަށް ބާރުއަޅުއްވާނެކަމަށާއި، ޓީމުގެ އަމާޒަކީ މުބާރާތުގެ ތަށި ހޯދުންކަމުގައި ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ދަނީ ކުރީގެ ފުޓްބޯޅައިގެ ފޯރި އާލާކޮށް، މި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ. މީގެއިތުރުން މާލެއާއި ރާއްޖެތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށް ގެންދަވަމުންނެވެ.