ގައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ސީނިއަރ ޓީމުގެ ފަރިތަކުރުންތައް މިއަދު ފަށައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގައެވެ.

މި މުބާރާތް ކުރިއަށްދާނީ އަންނަ ސެޕްޓެންބަރު މަހުގެ 4 އިން 10 އަށެވެ. މި މުބާރާތުގައި ރާއްޖެއިން ކުޅޭނީ ލަންކާއާ ދެކޮޅަށް ދެ މެޗެވެ. ރާއްޖޭގެ ޓީމުގެ ޕްރިލިމިނަރީ ސްކޮޑު އެކުލަވާލާފައިވަނީ މި މަހުގެ 26 ގައެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވުނު ފަރިތަކުރުންތަކަށް އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު ޒިޔާރަތްކުރެއްވިއެވެ. އަދި ޓީމުގެ ކުޅުންތެރިންނާއެކު މަޝްވަރާތަކެއްވެސް ކުރެއްވިއެވެ.

މި މުބާރާތަށް އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑުގައި ޒުވާން ޓީމުގެ މުހައްމަދު އިލާން އިމްރާނާއި ހަސަން ރާއިދު ހިމެނެއެވެ. އަދި އަނިޔާއަކުން އަރައިގަތުމަށްފަހު އަނބުރާ އައި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް މި ފަހަރުގެ ސްކޮޑުގައި ހިމެނެއެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅޭނީ އަންނަ މަހުގެ 6 އަދި 9 ވަނަ ދުވަހުއެވެ. މި މެޗުތަކުގައި ރާއްޖޭގެ ޓީމު އިރުޝާދުކުރާނީ އައު ހެޑް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އެވެ.