ރައީސްއާއި ޝީ ބައްދަލުކުރައްވައި ގުޅުން ހަރުދަނާކުރަން މަޝްވަރާކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސްއާއި ޝީ ބައްދަލުކުރައްވައި ގުޅުން ހަރުދަނާކުރަން މަޝްވަރާކުރައްވައިފި

ނާއިފް ހަލީމް
 
7 ދުވަސް ކުރިން

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ރައީސް ޝީޖިން ޕިންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުރިއަށް އެކުގައި މަސައްކަތް ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުންނާއި، މިހާރު އެއްބާރުލުން ދެމުން އަންނަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން އުފެދިފައި ވަނީ، އެތައް ޒަމާނެއްވީ ގާތް އެކުވެރިކަމާއި، އެއް ގައުމެއް އަނެއް ގައުމަށް ހެޔޮއެދުމުގެ މައްޗަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ އެ ގޮތުގައި، ދެ ގައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު، އެ މަނިކުފާނު ޔަގީންކުރައްވަނީ، 2028ވަނަ އަހަރާ ހަމައަށް އެކުލަވައިލައިފައިވާ ޗައިނާ މޯލްޑިވްސް ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕްގެ ދަށުން، ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެހެން ގުޅުން ބަދަހިވާނެ ކަމަށް ކަން ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅާ ގުޅިގެން ރައީސް އޮފީހުން މީގެ ކުރިން ބުނީ، ޝީގެ އިތުރުން އެހެން ގައުމުތަކުގެ ލީޑަރުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ޗައިނާއަށް މީގެ ކުރިން ރައީސް ވަނީ ފުރަމާނަ ދަތުރުފުޅެއްގައި ވެސް ވަޑައިގެންފައެވެ.