ހުކުރު ނަމާދު ތެރެއިން: ފޮޓޯ: ސަން އޮންލައިން

ޒުވާނުން ދަނީ މަގުން ކަސިޔާރުވަމުން، އިސްލާމީ ސަގާފަތް ދިރުވަންޖެހޭ: ޚުތުބާ

ނާއިފް ހަލީމް
 
6 މަސް ކުރިން

ދީނާ ބީރައްޓެހި ސަގާފަތްތަކާ ދުރުހެލިވެ، އިސްލާމީ ޝިއާރުތަކާއި ސަގާފަތްތައް ދިރުވަން އާލާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލީ، ރަނގަޅު މުޖުތަމައެއް ބިނާކުރުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، އިންސާނާ ދުނިޔޭގައި ލެއްވީ އެއްވެސް މަގުސަދެއް ނެތި، ބޭކަރު ގޮތެއްގައެއް ނޫން ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް އިންސާނާއަށް އެންމެ މަސްލަހަތު ހުރި ގޮތް ދެނެވޮޑިގެންވަނީ މާތްﷲ ކަމަށެވެ. އެގޮތުން، އިންސާނާގެ ހަޔާތް ބައްޓަންކުރަނީ ހެޔޮ މަގު ދެއްކެވުމަށް ނަބީބޭކަލުން ފޮނުއްވި ކަމަށާއި މި އުންމަތުގެ ނަބިއްޔާ ފޮނުއްވީ ޤިޔާމަތަށް ދާންދެން އޮންނަ ފުރިހަމަ ޝަރީއަތަކާ އެކީގައިކަން ޚުތުބާގައި ފާހަގަކުރިއެވެ.

މިހާރު ހާލަތު ބަޔާންކޮށް ޚުތުބާގައި ވަނީ މިއަދުގެ ޒުވާނުންގެ ތެރޭގައި އިސްލާމް ދީނާ ދުރު ސަގާފަތްތަކާއި ފެތުރުމަށް މަސައްކަތް ކުރާ ކަމަށާއި އައުރަ ނިވާނުކޮށް ހެދުން އެޅުން ދެޖިންސުގެ ޒުވާނުންގެ މެދުގައި އާންމު ވަމުންދާ ކަމަށެވެ.

އެކަންކަމަކީ، ﷲ ލައުނަތް ލައްވާފައިވާ ކަންކަން ހަނދާންކޮށްދީ، ޚުތުބާއި ވަނީ މުޖުތަމައުގައި ފެތުރޭ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވުމަށް ނަސޭހަތްތެރިވެފައެވެ.

"ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކުރާން ވެއްޖެއެވެ. މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައި ކަންކަން މަނާކުރާ ބަޔަކަށް ވާން ވެއްޖެއެވެ. ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުމެވެ" ޚުތުބާގައި ބުންޏެވެ.

އެއާއެކު، މިއަދުގެ އިސްލާމީ އުންމަތަށް ހުޅުވާލެވިފައިވާ އެންމެ ފަހި ފުރުސަތެއް ކަަމަށް ޚުތުބާގައި ފާހަގަކުރީ، ޒުވާނުން އިސްލާމް ދީނާއި އިސްލާމީ ޝަރީއަތާ ގާތްކުރުމަށް ހުޅުވިފައިވާ ފުރުސަތެވެ. އިސްލާމީ ޝަރީޢަތުގެ ރިވެތިކަމުން ބީރައްޓެހިވުމުގެ ސަބަބުން، ޢަޤީދާއާއި އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް ބައެއް ޒުވާނުން ކަސިޔާރުވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންވެ، އެކަމާ މާޔޫސްވުމުގެ ބަދަލުގައި، ރީތިކޮށް ނަސޭހަތްތެރިވެ، ޙިކުމަތާއި އޯގާތެރިކަމާ އެކު، އެ ޒުވާނުންނަށް ހެޔޮމަގު ދައްކައިދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ، އުންމަތަށްޓަކައި ފަރުދީ ގޮތުން ކޮންމެ މުސްލިމަކު އަދާކޮށްދޭން ޖެހޭ ވާޖިބެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

"ޝައްކެއްނެތެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ހުރީ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަންކޮށްގެންނެވެ. އިސްލާމް ދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދައެވެ. ހިތާމައަކީ މި ކަމުގެ ވިހަ އަސަރު އަހަރެމެންގެ ތަޢުލީމާއި ތަރުބިޔަތަށް ވެސް ފޯރާކަމެވެ" ޚުތުބާގައި ބުންޏެވެ.

ހަމައެހެންމެ، އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމައުގެ ހުރިހާ އެންމެން ބައްޓަން ވެގެންކަމާއި ޅަފަތުގައި އިސްލާމް ދީނުގެ މަތިވެރި ޝިއާރުތަކާއި ޝަރީއަތައް އެ ކުދިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުމަށް ޚުތުބާގައި ގޮވާލިއެވެ