ފާޑުކިޔުންތައް ބޮޑުވެ، ޝަހީދުގެ ނަން ނެގުމަށް އަމިއްލައަށް ޖޭއެސްސީ އަށް ހުށައަޅައިފި

ލަމްޔާ އަލީ ހާޝިމް
 
3 ދުވަސް ކުރިން

މުޙައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދަނިކޮށް، އޭނާގެ ނަން ނެގުމަށް އަމިއްލައަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފިއެވެ. 

މިގޮތަށް ހުށައެޅިއިރު މިރޭ މަގާމުގެ ހުވާކުރައްވަން ވެސް ވަނީ ތާވަލުކޮށްފައެވެ.

ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ޤާޒީ ޢަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖޭއެސްސީން ނިންމީ މިދިޔަ މަހު 30 ގައެވެ. ޝަހީދު ކުރިން ސިޔާސީ މަގާމެއްގައި ހުންނެވުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ އެއީ ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުމެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.

ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން ވެސް އޭރު ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ. އެކަން ހިނގި އިރު ވަކިކުރި ފަނޑިޔާރުން ވަނީ މި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ފޯރުވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.ނަމަވެސް ރައީސް މުއިއްޒު އެ ވާހަކަތައް ދޮގުކުރައްވައެވެ.