ރައީސް ނަޝީދު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުން

ރައީސް ނަޝީދު އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

މުހައްމަދު ހަމީޒް
 
8 ދުވަސް ކުރިން

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ ބޮޑުވަޒީރު މޯދީ މި ދަތުރުފުޅުގައި ހުންނެވުމަށް ހަމަޖެހިފައިވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުމާއި އެކުވެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ދެ ފަރާތުން ހާމަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން އިޖްތިމާޢީ މީޑިއާގައި ޕޯސްޓެއް ކުރައްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ، "މުހައްމަދު ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް" ކަމަށެވެ. އަދި "ނެއިބަރހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނާނެ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޒުވާނުންނާއި، ފިލްމީ ދާއިރާ އަދި ކޮރަލް ރީފް ރިސާރޗް އާއި ތިމާވެށްޓާ ގުޅޭ ކަންކަން ހިމެނެއެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިންގ އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެވުނެވެ.

ރައީސް ނަޝީދު މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރުމަކީ އަބަދުވެސް ވަރަށް ޝަރަފުވެރި އަދި އުފާވެރި ކަމެއް ކަމުގައެވެ. މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ބައްދަލުކުރެއްވުމެއް ކަމަށް ބެލެވެއެވެ.