ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި

ނާއިފް ހަލީމް
 
1 ސިކުންތު ކުރިން

ބ. ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ހިތާދޫ ކައުންސިލް ރައީސް އަބްދުލް އަޒީޒް މުހައްމަދު ވަނީ ބިން ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައިދީ، އެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަދައި ދިނުމަށް ސަރުކާރުގައި އެދިފަ އެވެ.

ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކުރި އެވެ.

އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

ހިތާދޫ ބިން ހިއްކުން އެމްޓީސީސީއާ މިއަދު ހަވާލުކުރިއިރު، ކެންދޫގައި އާ ބަނދަރެއް ހެދުމާ އެކު، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ރައީސް މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ އަތޮޅު ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެމްޓީސީސީއާ އެވެ.