ދުނިޔޭގެ އެންމެ މަޝްހޫރު އިލެކްޓްރޯނިކް މިއުޒިކް ފެސްޓިވަލް ކަމުގައިވާ ޓުމޯރޯލޭންޑް ފެށުމުގެ 48 ގަޑިއިރު ކުރިން، ބެލްޖިއަމްގެ ބޫމް ސިޓީގައި ގާއިމްކޮށްފައިވާ މައި ސްޓޭޖުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓޭޖް ބޭނުން ނުކުރޭވަރަށް ގެއްލުން ވެއްޖެ އެވެ.
"ވޯލްޑް އޮފް އޯބިޒް" ތީމްގެ ދަށުން ފަރުމާކޮށްފައިވާ ސްޓޭޖުގައި އަލިފާން ރޯވެ ސަބަބު އަދި ވަނީ ކަށަވަރު ނުކުރެވިއެވެ. މި ހާދިސާގައި ސްޓޭޖުގައި މަސައްކަތްކުރަމުންދިޔަ 1،000 އަށްވުރެ ގިނަ މުވައްޒަފުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނެވެ.

ބޫމް އަދި އެންޓްވާޕްގެ 50 އަށްވުރެ ގިނަ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. ޓުމޯރޯލޭންޑްގެ ސްޕޯކްސްޕާސަން ޑެބީ ވިލްމްސެން ވިދާޅުވި ގޮތުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަމެއް ދޭ ކަމެކެވެ. ބޫމްގެ މޭޔަރު ޖެރޯން ބެއަރޓް، ޖަރުމަނުވިލާތުގައި ހޭދަކުރަމުންދިޔަ ޗުއްޓީ މެދުކަނޑާލައި މި ކުއްލި ހާލަތާ ގުޅިގެން އެނބުރި ވަޑައިގެންނެވިއެވެ.
"މިއީ ޓުމޯރޯލޭންޑްގެ ތާރީހުގައި ދެވަނަ ފަހަރަށް ހިނގި މިފަދަ ހާދިސާއެވެ. މީގެ ކުރިން 2017 ވަނަ އަހަރު ބާސެލޯނާގައި ބޭއްވި ޓުމޯރޯލޭންޑް ފެސްޓިވަލްގައިވެސް މިފަދަ ހާދިސާއެއް ހިނގައި، 22،000 މީހުން ސަލާމަތްކުރަން ޖެހުނެވެ.
މީޑިއާތައް ބުނާ ގޮތުން، މި ހާދިސާ ހިނގީ ސްޓޭޖުގެ ކަނާތްފަރާތުގައި ކުރެވެމުންދިޔަ ޕައިރޯޓެކްނިކް ޓެސްޓުތަކެއްގެ ތެރޭގައެވެ. ނަމަވެސް މިކަން އަދި ވަނީ ރަސްމީކޮށް ކަށަވަރު ނުކުރެވިއެވެ. ހުކުރު ދުވަހު ފެސްޓިވަލް ފެށުމުގެ ކުރިން ސްޓޭޖް އަލުން ބިނާކުރެވޭނެތޯ ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.