އޮސްޓްރޭލިއާގެ ބޭންޑް 'ބިޔޯންޑް އަގެއިން' އިން މާދަމާ ރޭ މާލޭގައި ބާއްވަން އޮތް ޝޯ ނުހުއްޓުވާ ކަމަށާއި އެދުނީ ސޯޝަލް ސެންޓަރު ނޫން އެހެން ތަނެއްގައި ޝޯ ބާއްވަން ކަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އުބާ އިވެންޓްސްއިން ސްޕޮންސަރުން ހޯދައި، ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް ސަރުކާރުން މި ޝޯ ހުޓުވާފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ޝޯ ބޭއްވުން ހުއްޓުވިގެން ނުވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ޝޯ މަނާކުރެވިގެން ނުވާނެ ކަމަށާއި މިއުޒިކް ވެސް މަނާކުރެވިގެން ނުވާނެ ކަމަށެވެރ. އަދި ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝޯ ހުއްޓިވި ވާހަކަ ދޮގުކޮށް މިނިސްޓްރީން މިއަދު ބުނީ ޝޯ ނުހުއްޓުވާ ކަމަށާއި އެދުނީ ޝޯ ބާއްވާ ތަން އެހެން ތާކަށް ބަދަލު ކުރަން ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަން ވެސް ޝޯ އިންތިޒާމުކުރާ ފަރާތަށް ދިން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން ބުނީ ޝޯ ސޯޝަލް ސެންޓަރު ނޫން ތަނެއްގައި ބާއްވަން އެދުނީ އެތަނުގެ ސްޓޭޖްގެ ފުރާޅު ހިމެނޭ ގޮތަށް، އިންޑޯ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށެވެ.