ޑެންގީ ގެ ނުރައްކާ ބޮޑު، ސަމާލުވާން އެދިއްޖެ

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 400 އިންސައްތައަށް ވުރެ ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ޑެންގީ ބަލިޖެހޭ މިންވަރު އަންނަނީ ވަރަށް ބޮޑަށް މައްޗަށް ދަމުންނެވެ.

ޑެންގީ ކޭސްތަކުގެ ތަފްސީލް

ތަފްސީލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ 374 ކޭސް ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. ވަކިވަކި މަސްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީގައި 75 ކޭސް ފެނުނުއިރު މިއަހަރުގެ ޖެނުއަރީގައި 679 ކޭސް ވަނީ ފެނިފައެވެ. ފެބްރުއަރީ މަހު 87 ކޭސް އިން 428 ކޭސް އަށް އިތުރުވެފައިވާއިރު، މާޗް މަހު 76 ކޭސް އިން 600 ކޭސް އަށް ވަނީ މައްޗަށް ގޮސްފައެވެ. އަދި އޭޕްރީލް މަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މަހު ފެނިފައިވަނީ 135 ކޭސް އެވެ.

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ

މީގެ އިތުރުން، އެޗްޕީއޭ އިން ފާހަގަކުރި ގޮތުގައި މި ދުވަސްވަރު އަރިދަފުސް ރޯގާ އެންމެ ގިނައިން ފެތުރެމުންދަނީ އަތޮޅުތަކުގައެވެ. މިދިޔަ މަހުގެ 22 އިން މި މަހުގެ 18 އަށް ޖުމްލަ 21,687 މީހުންނަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި އަތޮޅުތަކުން ރިޕޯޓްކުރި 11,792 ކޭސް އާއި މާލެ ސަރަހައްދުން ފެނުނު 9,894 ކޭސް ހިމެނެއެވެ.

އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، އެ ބަލި ޖެހޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ޖެނުއަރީ މަހު ޓެސްޓްކުރި 791 މީހުންގެ ތެރެއިން 99 މީހުން ޕޮޒިޓިވްވިއިރު، ފެބްރުއަރީ މަހު 134 މީހުންގެ ތެރެއިން 8 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މާޗް މަހު 105 މީހުން ޓެސްޓްކޮށް 5 މީހުން ޕޮޒިޓިވްވިއިރު، މި ހިނގާ އޭޕްރީލް މަހު މިހާތަނަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.