ރާއްޖޭގެ ސިއްހީ ދާއިރާއަށް 35 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހިދުމަތް ކުރެއްވި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކަރު ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
ހެލްތު މިނިސްޓްރީގައި އެކި މަގާމުތައް ފުރުއްވި މައިމޫނާ، އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 17، 2016 ގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އިއިރު، މައިމޫނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ އެތައް ހިދުމަތްތަކެއް ކުރައްވައިފައެވެ.
މައިމޫނާގެ އެންމެ ބޮޑު މަސައްކަތެއް ފެނުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އެ ދުވަސްވަރު ރާއްޖެ އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔައީ މައިމޫނާގެ އިރުޝާދުގެ ދަށުންނެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފާޑު ކިއުން އަމާޒު ކުރި ނަމަވެސް ބަލިން ރާއްޖެ ސަލާމަތްވުމަށް ކުރި މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ ތައުރީފްކޮށްފައެވެ.
މައިމޫނާ ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1990 ގައެވެ.