މިއަދު ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ބަލައިގަންނަ ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ސަރުކާރުން ރަނގަޅުކުރާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ބަލި ގަބޫލުފުޅުކުރައްވައި ރައީސް މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެމަނިކުފާނު ލިޔުއްވައިފައިވެއެވެ.
މިއަދު ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.