ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން 15 މީހުންނާއެކު ދަތުރުކުރި މަސް ދޯންޏެއްގައި އަލިފާން ރޯވެ ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މަސް ދޯނީގައި ތިބި ބައެއް މީހުންނަށް އަނިޔާވެގެން ކުރުނބާ ރިސޯޓުގެ އުޅަނދެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހާދިސާގައި އަނިޔާވީ ކިތައް މީހުންނަށްކަމާއި އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އޭގެއިތުރުން ދޯނިން ދަތުރުކުރީ ކިތައް ދިވެހިން ކަމެއް ވެސް ނޭނގެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވި ދޯނީގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފަ އެވެ.
މަސް ދޯނީގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.