ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މަދީން

ޕެންޝަން ބޯޑުން މާދިން އިސްތިއުފާ ދެއްވައިފި

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރު މުހައްމަދު މާދިން ލަތީފު އެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ. މާދިން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މާދިން ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ބޯޑުގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އައި އިސްތިއުފާއެއް ކަމަށް ބެލެވެއެވެ.

މާދިން އިސްތިއުފާ ދެއްވާފައި މިވަނީ، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި، އެކަން ކުރަން އުޅޭ ދަނޑިވަޅެއްގައެވެ.

ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ޗާޕްކުރަން އުޅޭތީ އެ މުއާމަލާތައް ހުއްދަދިނުމާ ދެކޮޅުހަދައި، އެ ބޯޑުގެ އިސް ވެރިންތަކެއް މީގެ ކުރިން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ ތެރޭގައި ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ސެޕްޓެމްބަރު މަހު އިސްތިއުފާ ދެއްވާފައިވާއިރު، ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން، ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒު މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، އޮކްޓޯބަރު މަހުގެ ތެރޭގައި އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. މި ސިލްސިލާ އިސްތިއުފާތަކާ ގުޅިގެން ޕެންޝަން އޮފީހުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.