ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރުމަށް އެ އޮފީހުގެ ބޯޑުން ނިންމާފައިވަނިކޮށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސުޖާތާ އިސްތިއުފާ ދެއްވިކަން މިހާރު ވަނީ އެ އޮފީހުގެ މުވައްޒަފުންނަށް ވެސް އަންގަވައިފައެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ އިސް ބޭފުޅުންތަކެއް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ތެރޭގައި ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި، އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރު ސަރުވަޝް އާދަމްގެ އިތުރުން ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ހިމެނެއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވީ މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް ޕެންޝަން ފަންޑުގެ 2.5 ބިލިއަން ރުފިޔާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ހެދިއެވެ.
މާލީ ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި މިއީ ފައިސާ ޗާޕުކުރުމުގެ އަމަލެކެވެ. ބޯޑުން އިސްތިއުފާ ދެއްވި ސަރުވަޝް އާދަމް ވިދާޅުވި ގޮތުގައި، އެމްއެމްއޭ މި މުއާމަލާތުގައި ބައިވެރިވުމުން މިއީ މާކެޓް ޓްރާންސެކްޝަނަކަށް ނުވެއެވެ. މީގެ ސަބަބުން ފައިސާގެ ސަޕްލައި އިތުރުވެ، ތަކެތީގެ އަގު އުފުލި އިގްތިސާދަށާއި ޕެންޝަން ފަންޑަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޕެންޝަން އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 2.4 ބިލިއަން ރުފިޔާގެ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓްކުރުމަށް ކަމަށެވެ. މިކަމުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދި، ލިބޭ ފައިދާ އިތުރުވާނެ ކަމަށް އެ އޮފީހުން ދެކެއެވެ. މި މުއާމަލާތް ކުރިއަށް ގެންދަން ބޯޑުން ފާސްކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ސުޖާތާ ހަލީމަކީ ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު، 31 އޮކްޓޫބަރު 2022 ގައި އެ މަގާމަށް ދާއިމީކޮށް އައްޔަންކުރެއްވި ބޭފުޅެކެވެ. ދެލައްކައެއްހާ މީހުންގެ ފައިސާ ރައްކާކުރެވިފައިވާ ޕެންޝަން ފަންޑާ މެދު މިފަދަ ނިންމުމެއް ނިންމުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.