ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ޖުމްލަ 294،937 މީހުންނަށް ވޯޓު ލެވޭއިރު، އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ.
ރަޖިސްޓްރީ ވެފައިވާ ތަން ޗެކްކުރުމަށް (VR space IDNO) ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައެވެ. ލިސްޓަށް އުނިއިތުރު ގެނައުމަށް ނުވަތަ މައުލޫމާތު ބަދަލުކުރުމަށް ބޭނުންވާނަމަ، ސައްހަ ލިޔެކިޔުމާއެކު މި މަހުގެ 18 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީސީގެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ޖެހޭނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާއިރު، އިންތިހާބީ ތައްޔާރީތައް ކޮމިޝަނުން އަންނަނީ ވަމުންނެވެ.