ސްރީލަންކާ ބޯޓުން ހިފެހެއްޓި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

އާއިޝަތު އަނާ ރަޝީދު
 
10 ދުވަސް ކުރިން

މިދިޔަ ހަފުތާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ސްރީލަންކާގެ ބޯޓަކުން 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސް ލަންކާ މީހުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

  1. ފުލުހުން ކުރިން ހާމަކުރި ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލައިފާސްކުރިއިރު، 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގެ ސަރަހައްދުން އެއްފަހަރާ އަތުލައިގަނެވުނު އެންމެ ގިނަ އަދަދުގެ މަސްތުވާތަކެއްޗެވެ.

    މި މައްސަލާގައި ހައްޔަރުކުރި ފަސް މީހުން ބަންދުގެ މުއްދަތު މަޖިލީހުގައި އެ ކުށަށް އިންކާރުކޮށްފައިވީ ނަމަވެސް، ކޯޓު އަމުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި މިއީ ގިނަ ބަޔަކު ބައިވެރިވާ ކުށުގެ ނެޓުވޯކަކުން ހިންގާފައިވާ ކަމެއް ކަމަށް ބެލެވެ އެވެ. އެހެންކަމުން، ތަހުގީގަށް ހުރަސް އެޅިދާނެތީ، އެ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ ނިންމާފަ އެވެ.

    މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުންގެ ނަންތަކާއި އުމުރުތައް ތިރީގައި މިވަނީ އެވެ:
    1. ކޭ އެން އައި ޕެއިރިސް، 39
    2. ސިންގައްޕުލިގެ ނިމަލް ރަންޖިތު ކިސަންތަ ފެނާންޑޯ، 63
    3. ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34
    4. މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ ނުވަން ލިވެރަ، 42
    5. ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ ފެނާންޑޯ، 28

    މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ސްރީލަންކާގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ. ދިވެހި ފުލުހުން ބުނާ ގޮތުގައި، މި ތަހުގީގުގައި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ލަންކާގެ ފުލުހުންނާއި ކަނޑުގެ ސިފައިން ވެސް ހަރަކާތްތެރިވަމުން ދެއެވެ.