ވިޔަފާރިވެރިޔާ އަހުމަދު އާރިފް އަދި މުޙައްމަދު ވަހީދު - -

13 މިލިއަން ސިގިރެޓުގެ ވައްކަމަށް އާއްޓެ އަދި ދިގަލިވެސް ފަންޑުކުރިކަމުގެ ތުހުމަތު

އާއިޝަތު އަނާ ރަޝީދު
 
2 މަސް ކުރިން

ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެއްގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ފައިސާ ހޯދައިދިން ކަމަށް ބުނެ، ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާ މެދު ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލައިގެ ފެށުން އައީ އޭޕްރީލް 26 ވަނަ ދުވަހު ކަސްޓަމްސްއިން ހިފަހައްޓާފައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރަކުން ސިނގިރޭޓު ވަގަށް ނެގުމާ ގުޅިގެންނެވެ. މި މައްސަލަ ފުލުހުންނާ ހަމައަށް ގޮސްފައިވަނީ ފާއިތުވި ހަފުތާގައެވެ. މި މައްސަލައިގައި މިހާތަނަށް އާއްޓޭ އާއި ދިގަލި ހިމެނޭ ގޮތަށް ހަތަރު މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

ކޯޓު އަމުރަކާ އެކު ރޭގަނޑު ހައްޔަރުކުރެވުނު މި ހަތަރު މީހުންގެ ތެރެއިން، 61 އަހަރުގެ އާރިފްގެ ބަންދަށް 15 ދުވަސް އަދި 65 އަހަރުގެ ވަހީދުގެ ބަންދަށް 10 ދުވަސް ވަނީ ކަނޑައެޅިފައެވެ. މީގެ އިތުރުން 40 އަހަރުގެ ޒިވާރު 15 ދުވަހަށް އަދި 48 އަހަރުގެ މުއާޒް 5 ދުވަހަށް ބަންދުކުރުމަށް ގާޒީ އިބްރާހިމް އިހްސާން ވަނީ އަމުރުކުރައްވާފައެވެ. އަދި މި މައްސަލައާ ގުޅިގެން 12 މީހެއްގެ ޕާސްޕޯޓު ވަނީ ހިފެހެއްޓިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.