ބޮޑު ފަތިހާ، ކުދި ދޯނީގައި، ފަން ރިޔަލުގައި މަސްވެރިން ނައްޓާލަނީ މާކަނޑަށް މަހަށެވެ. އަރާއިރާއެކު އަންހެންވެރިން އެވަންނަނީ ދަރުހޮވަން ވަލަށެވެ. ދަރުނެރެ، މަސްކޮޅުގައި ދިލަޖައްސާ، ގޭދޮށް ކުނިކަހާ، ގަރުދިޔަކޮޅު ހޫނުކޮށް، ހެނދުނު ސައިހަދާ، ދަރީން މަދަރުސާއަށް ފޮނުވާލައެވެ. އެއްބަޔަކު ބޮލިހިލަން ފަރަށެވެ. އަނެއްބަޔަކު ބޮނބިފަލަށެވެ. ބޮނބިތަޅާ މީހުންނާ، ރޯނުވަށާ މީހުންނެވެ. އުވަދަވާ މީހުންނާއި، ގާތަޅާ މީހުންނާއި، ފަންގި ވިޔާ މީހުންނާއި، ރުކުއަރާ މީހުންނާއި، ފަރުމަސްވެރިންނާއި، ވަޑިންނާއި، ފޫޅުމައިންނާއި، އެދުރު ދައިތައިންނާއި، މުރީދުންނާއި، މުދިމުންނާއި، މުދައްރިސުން މުޅިރަށުގައި އެމީހެއްގެ މަސައްކަތުގައި ހޭލަމޭލަވެ އެހެރަ އުޅެނީއެވެ. ވެށިންލިބޭ އެއްޗެހިން، އަމިއްލައަށް އުފައްދައިގެން، ފުއްދާލައިގެން ނުލާހިކު ސާދާ، މުރާލި ދިރިއުޅުމެއް ހޭދަކުރަމުން އެތިބަ ދަނީއެވެ. މިއީ، މީގެ ފަންސާހަކަށް އަހަރު ފަހަތަށް ޖެހިލައިފިނަމަ ދިވެހިރާއްޖޭގެ ރަށްރަށުން ކޮންމެދުވަހަކު ފެންނާނެ މަންޒަރެވެ. ދިވެހިން އެދުވަހު ދުށް ކޮންމެމީހަކަށް ސިފަވާނީ ވަރަށް އުފެއްދުންތެރި، ނުހަނު މުރާލި، އެހާމެ އެކުވެރި، އާދަޔާ ހިލާފަށް ހިތްހެޔޮ ބައެއް ގޮތުގައެވެ.
ފަންސާސް އަހަރު ކުރިއަށް މިއަދު މިތިބީއައިހެވެ. ދުނިޔެއަށް އައި 'ތަރައްޤީ' އަހަރެމެން ދިވެހިންނަށްވެސް އައިއްސިއެވެ. މިއަދު ބޭނުން މީހަކަށް ބޭނުންގަޑިއަކު ވާހަކަ ދައްކާލެވެއެވެ. ޓޯކީ ހިފައިގެން އަތިރިމައްޗަށް ނުކުންނާކަށް ނުޖެހެއެވެ. ދޯނީގައި ފަލި ޖަހާކަށް، ރިޔަލުގައި ވައި ނާޅައިގެން އުޅޭކަށް ނުޖެހެއެވެ. ރާސްލާފައި ބޭނުން ތަނަކަށް ދެވެއެވެ. ދަރުހޮވާކަށް ނުޖެހެއެވެ. ފަންގި ވިޔާކަށް، ރޯނުވަށާކަށް، ގާތަޅާކަށް ނުޖެހެއެވެ. ތަންތަނަށް ދާކަށް ހިނގާކަށް، ކޮނޑުގައި އެއްޗެހި އުފުލާކަށް ނުޖެހެއެވެ. އާނއެކެވެ. ތަރައްޤީއާއިއެކު ނުހަނު ގިނަ ފަސޭހަތަކެއް ދިރިއުޅުމަށް އަތުވެއްޖެއެވެ. ދިރިއުޅުމުގެ ވައްޓަފާޅި އެކީއެކަށް ބަދަލުވެއްޖެއެވެ. ހިޔާލަށް ނުގެނެވޭހާ ބަދަލުތަކެއް ދިވެހިންނަށް އަތުވެއްޖެއެވެ. ވިސްނުމަށާއި ހިޔާލަށެވެ. އުޅުމާއި ގުޅުމާއި ބޭނުންތަކަށެވެ.
ދިވެހިންނަށް މިވީ ކިހިނެއް ހެއްޔެވެ؟
ގޭގައި މިއަދު ކެއްކި ރިހަތެލިން، އަވައްޓެރިޔާއަށް ދިއްކޮއްލާ ރިހަ ބޯތަށި މިހާރަކު ނާދެއެވެ. ޖެހިގެން ހުރި އަވައްޓެރި ހަސަނު ފުރާޅަށް އަރާއެއޮތީ އެކަންޏެވެ. ހަސަނު އާއިލާއާއި ރައްޓެހިން 'ބިޒީ' އެވެ. ފާތުމާ ބަލިކަމުން ނުތެދުވެވިފައި އޮތީތީ، ފާތުމާގެ ދަރީން އެތިބި ނުކައެވެ. ކައުންސިލުން ފަޅުތެރެ ސާފުކުރަން ގޮވާލީމާ އައީ ބަރާބަރު 5 މީހުންނެވެ. ދޯނިއެހެލަން ގޮވާލީމާ "އަނެއް" ޕާޓީ މިހާގެ ދޯނިވިމާ އައީ މަދު މީހެކެވެ. ދައްކާން މިއުޅެނީ ދިވެހިން ކަންނެތްވެއްޖެ ވާހަކައެވެ. ދިވެހިން 'ވަރިހަމަ' ވެއްޖެ ވާހަކައެވެ. ދިވެހިން އެންމެން ސިޔާސީވެއްޖެ ވާހަކައެވެ. އެކުވެރިކަން ގެއްލިއްޖެ ވާހަކައެވެ. ފައިސާއެއީ ހުރިހާ އެއްޗަކަށްވެ، މާއްދިއްޔަތަށް ގޮސް ހުސްވެއްޖެ ވާހަކައެވެ. ނެގިމަޑުވެފައިވާ، ކަންފަސޭހަ އުޅުމަކަށް ހޭނިއްޖެ ވާހަކައެވެ. ދީނާ ސަގާފަތަކީ މުހިއްމު އެއްޗަކަށް ނަަހަދާ ވާހަކައެވެ. އަގުބޮޑު، ނުވާވަރުންއުޅޭ އުޅުމަކަށް ވެއްޖެ ވާހަކައެވެ. ހުރިހާއެންމެން ޓައި އަޅައިގެން ގޮނޑީގައި ތިބެން ބޭނުންވެއްޖެ ވާހަކައެވެ. އާދޭހެވެ. މިއީ ދުނިޔެވެސް ތަރައްޤީއާ އެއްކޮށް ބަދަލު ވެފައިވާ ގޮތޭ ބުނެފާނެއެވެ. ތިޔައީ ނުވެ ނުދާނޭ ގޮތޭވެސް ބުނެވިދާނެއެވެ. ދިވެހިންނަށް މިވީ ކިހިނެއް ހެއްޔެވެ؟
ރައްޓެއްސަކު ކައިރީ ކުރީދުވަހަކު އަހާލީމެވެ. ސަރުކާރެއްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އައީ ސާފު ކުރު ޖަވާބެކެވެ. "އަހަރެމެންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށޭ" ބުނެ ބުމަ ގޮށްޖަހާލިއެވެ. ތަފްސީލުކޮށްދެމުން "އަހަރެމެން ދަރިންނަށް ކިޔަވާ ދިނުމަށް، ބޭސްކޮށްދިނުމަށް، އުޅެވޭނެ ގޮތާ، ކަންކަން ފަސޭހަކޮށް ދިނުމަށް ނޫންތަ؟" ޔާ ހަމައިން އަހަރެންނާކުރި ސުވާލަކަށް ބަދަލުކޮށްލިއެވެ.
ސަރުކާރުން ދާދިމިދާކަށް ދުވަހު އާސަންދައަށް ބަދަލު ތަކެއް ގެނައެވެ. އަތުން ކޮންމެވެސް ވަރެއް ދައްކަންޖެހި، ޝަކުވާ ފުނިޖެހި، ސަރުކާރަށް މަޖުބޫރުވި ސިޔާސީ ކަރުމަޅިއަކުން ސަލާމަތްވާށެވެ. ހިލޭ ތަންމިނަށް ކުރަމުން އައި ބޭހަށް އަތުން ދައްކަން ޖެހުނީމާ ރުޅިއައީއެވެ. ބަޖެޓަށް ލުއިކުޑަކުރަން، ޑަބަލްކޮށް ޕެންޝަން ލިބޭ މީހުންގެ ޕެންޝަންތަކަށް ބަދަލުތަކެއް ގެނެސް ކޮންމެވެސް އެއް ޕެންޝަނެއް/މުސާރަލިބޭނަމަ މުސާރަ އެކަނި ލިބޭގޮތަށް ބަދަލުކުރުމަށްވެސް ސަރުކާރުން ރޭވިއެވެ. ޕްރެޝަރު މާބޮޑުވެގެން ހުއްޓާލީއެވެ. ކަމަކާނުލާ ލިބޭ ލާރިގަނޑެއް ދާތީ ކަންބޮޑުވީއެވެ. ކާޑުން (ފުށާ، ހަކުރާ ހަނޑުލުން)ސަރުކާރުން ސަބްސިޑައިޒްކޮށްދީ އަގުހެޔޮކޮށް ލިބޭގޮތަށް ހަދާފައި ހުންނަތާ އެތައް ޒަމާނެކެވެ. މަސްވެރިން ބުނާއަގަކަށް މަސްގަނެ، ދޯންޏަށް އަޅާތެލުގެ ލާރިން ބައެއް ދައްކަނީ ޓެކްސް ފައިސާއިންނެވެ. ދަރިންނަށް ފޮތާ ގަލަމާ، ކިޔަވައިދިނުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައެވެ. މިހެންގޮސް ހިލޭ، ދައުލަތުންދޭ އެތައް އެއްޗަކާ ކަމެކެވެ. ކޮންމެ އިންތިޙާބަކާ ގުޅުވާ ސިޔާސީވެރީން އިތުރު އެއްޗެހިތަކެއް ހިލޭ ނުވަތަ އިތުރަށް ލުއިކޮށްލަދެއެވެ. ނުވިތާކަށް ސިޔާސީވެރިން ކައިރިން ސުމާރެއްނެތި ވަޒީފާއެބަ ލިބެއެވެ. މިހެން ލިބޭ ވަޒީފާ ގިނަކަމުން ރަށްރަށުން މަސްދޯންޏަށް އަރާނެ މީހުން ހުސްވެއްޖެއެވެ. ދަނޑުހައްދަނީ ހުސް ބިދޭސީންނެވެ. ބުރަ، ގިނަ، މަސައްކަތްތަކުގައި ހުސް ބިދޭސީންނެވެ. ކުނިކަހަނީ، ރާނަނީ، މަސްކައްކަނީ، ދަނޑުހައްދަނީ، ރުކުއަރަނީ، ދަރިން ބަލަނީ، ގޭގަ ކައްކަނީ ބިދޭސީންނަށް ވުމަކީ އަހަރެމެން މިހާރު ކަންބޮޑުވާ ކަމެއްނޫނެވެ. ދިވެހިންނަށް މިވީ ކިހިނެއް ހެއްޔެވެ؟
ހިލޭލިބޭ އެއްޗެހި މިހާގިނަވުމުން އަހަރެމެން އާބާދިއެއްގެ ގޮތުގައި ކަންނެތްވީ ހެއްޔެެވެ؟ އަހަރެމެން ތަރައްގީގެ ރޮނގުގައި ކުރިއަރައިގޮސް މުއްސަނދި އާބާދީއަކަށް ބަދަލުވީހެއްޔެވެ؟ ދުވާލަކު ތިންއިރު އެތައް ވަގުތެއް 'ކޮފީ'ތަކުގައި ހޭދަކުރަނީ މަސައްކަތެއް ނެތީމާ ބާވައެވެ؟ އަހަރެމެން ކާބަފައިން އުޅުނު ސާދާ ދިރިއުޅުމުގެ ވައްޓަފާޅި މިއަދު ކޮބާބާއެވެ؟ އިހުޒަމާނުގެ ސްޓައިލް ކަޑައީހެއްޔެވެ؟
ދިވެހިންނަށް މިވީ ކިހިނެއް ހެއްޔެވެ؟