ހޯމް މިނިސްޓަރ، އަލީ އިހުސާން - -

މަސްތުވާތަކެތި އެތެރެކޮށް ވިއްކުމާ ދެކޮޅަށް އޮޕަރޭޝަނެއް، ދާއިމީ ހައްލެއް ގެންނާނަން: އިހުސާން

އާއިޝަތު އަނާ ރަޝީދު
 
14 ދުވަސް ކުރިން

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަނުން ދާއިމީ ޙައްލެއް ހޯދައިދޭނެ ކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ދެއްވައިފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބުރުނީގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލުމުން، އެ ރަށުގައި ފުލުހުންގެ ޚިދުމަތް އިތުރުކުރުމުގެ މުހިންމުކަން ޒުވާނަކު ފާހަގަކުރިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، "ކުރީގެ ސިޔާސަތުތަކާ ޚިލާފަށް، މިހާރު އަޅުގަނޑުމެންގެ އަމާޒަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ހައްޔަރުކުރުމުގެ ބަދަލުގައި، މި ތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމެވެ. މި މަސައްކަތުގައި އަޅުގަނޑުމެން ދާއިމީ ޙައްލެއް ހޯދައިދޭނަމެވެ."

އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ބުރުނީގައިވެސް މަސްތުވާތަކެތީގެ މައްސަލަ އޮތްކަން ފާހަގަކޮށް، އެ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ މަރުކަޒެއް ޤާއިމުކޮށް، ފުލުހުންގެ އަދަދު އިތުރުކޮށްދިނުމަށް އެ ެ ޒުވާނާ އެދުނެވެ.

މި ކަންބޮޑުވުމަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ރަށުގައި ޒަމާނީ ފެންވަރުގެ ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް މިހާރުވެސް ކުރިއަށްދެއެވެ. އަދި ކުރީގެ އުސޫލުތަކާ ތަފާތުކޮށް، މި ސަރުކާރުގެ އިސްތިރާތީޖީއަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމާއި، މި ނުރައްކާތެރި ވިޔަފާރި ހިންގާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުން ކަމުގައި މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.