ރޭ ހިނގި އެކްސިޑެންޓު

އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި

ނާއިފް ހަލީމް
 
5 ދުވަސް ކުރިން

މާލޭގައި ރޭ، ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ކަފިހި ހުރަސް މަތިން ދިޔައީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ. އޭނާ ދިޔައީ ވިއްސައިގެން ދުރަށެވެ. ސައިކަލުގައި ތިބި 16 އަހަރާއި، 17 އަހަރުގެ ދެކުދިން ލޮރީ ދަށުވީއެވެ. އެ ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދިޔައެވެ.

އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ ރޭ ވަނީ މަރުވެފައެވެ. މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ.

މި ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން އައިޖީއެމްއެޗުން ބުނީ، އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި އެޑްމިޓުކޮށްގެން ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލް ހިއްސާ ނުކުރެއެވެ.