ޕީޖީ އޮފީހުގެ 2.0 މަޝްރޫއު ލޯންޗްކޮށްފި

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ ހިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ "ޕީޖީއޯ 2.0" މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ.

ޕީޖީއޯ 2.0 ސިޔާސަތަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ޑިޖިޓަލް ޓްރާންސްဖޯމޭޝނަކަށް ބަދަލުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ސިޔާސަތެކެވެ. މިއީ އެ އޮފީހުން ޒަމާނުއްސުރެ ކަރުދާހުގައި ކުރަމުން އައި މަސައްކަތްތައް ނިމުމަކަށް ގެނެސް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ދެފުއް ފެންނަ އަދި ހަރުދަނާ އުސޫލެއްގެ ތެރެއިން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ޓެކްނޮލަޖީގެ އެހީގައި ދިމާވާ ހުރަސްތައް ނައްތާލައި، ޕްރޮސިކިއުޝަންގެ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ އެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ޕްރޮސިކިއުޓަރުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ހެއްކާ ބެހޭ ގާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ޝާއިއުކޮށްފައިވާ "އެވިޑެންސް އަ ޕްރެކްޓިޝަނަ ގައިޑ" ފޮތް ވެސް ވަނީ ނެރެފަ އެވެ. މި ފޮތް ނެރެދެއްވީ އުއްތަމަފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދެވެ. މީގެ އިތުރުން، އެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދޭނެ "ވާޗުއަލް ދޮރޯށި" ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިފްތިތާހުކޮށްދެއްވި މި ހިދުމަތުގެ ސަބަބުން، އޮފީހުގެ ކައުންޓަރުތަކަށް ނުގޮސް އޮންލައިންކޮށް ހިދުމަތް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ "ލެތުން" ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ވެސް މި ރަސްމިއްޔާތުގައި ލޯންޗްކޮށްދެއްވާފަ އެވެ.