ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު

އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސްގައި ޢަބްދުﷲ ޝާހިދު ތަޤުރީރު ކުރައްވައިފި

މުހައްމަދު ހަމީޒް
 
23 ގަޑިއިރު ކުރިން

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އޭ.ޑަބްލިޔު.އެމް.ޔޫ.އެން) ގެ 14 ވަނަ ބައްދަލުވުމުގައި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ޚާއްޞަ ތަޤުރީރެއް ކުރައްވައިފިއެވެ. 

ވީޑިއޯ މެސެޖް މެދުވެރިކޮށް ޝާހިދު ދެއްވި ތަޤުރީރުގައި، އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރަކީ ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތު" އިއްތިފާގުވީ ކޮވިޑް-19 ގެ ނާމާން ދުވަސްވަރާ ކަމަށާއި، އޭގެ ފަހުން އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ، ހިނގި ކަންކަން ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ދުނިޔެ އޮތީ ނުރައްކާތެރި ހަތަރުއަނގޮޅިއެއްގެ މަތީގައި ކަމަށާއި، ހަނގުރާމަތަކާއި، ލޭއޮހޮރުވުންތަކާއި، އިޤްތިޞާދީ ދަތިތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ގޮންޖެހުންތަކަކީ ދިވެހިރާއްޖެއަށް ދުރުގައި އޮތް ޚިޔާލެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކު ތަޙައްމަލުކުރަމުންދާ ޙަޤީޤަތެއް ކަމަށެވެ. އެހެންނަމަވެސް، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށްވާތަން ބަލައިގެން ތިބޭނެ ޤައުމެއް ނޫންކަން ފާހަގަކުރައްވައި، ރާއްޖެއަކީ ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި، ދެމެހެއްޓެނިވިކަމުގެ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ ހަމައެކަނި އިޤްތިޞާދުގެ ތަނބެއް ނޫން ކަމަށާއި، އެއީ ބައިނަލްއަޤުވާމީ މުޖުތަމަޢާ ރާއްޖެ ގުޅުވައިދޭ އަދި ދުނިޔެ ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ފާލަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

މޮޑެލް ޔުނައިޓެޑް ނޭޝަންސް ފަދަ ތަޢުލީމީ ޙަރަކާތްތަކުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން، މިއީ ހަމައެކަނި ދަރިވަރުންގެ މެދުގައި ރަޙުމަތްތެރިކަން އުފައްދާ ބައްދަލުވުންތަކެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިފަދަ ޙަރަކާތްތަކަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އާ އީޖާދުތަކަށް މަގުފަހިކުރުމަށާއި، އަދި ޤައުމުތަކުގެ މެދުގައި އޮންނަ ސަގާފީ އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަން ފުރުޞަތުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ބައްދަލުވުމުގައި އިސްނަގައިގެން ބައިވެރިވި ހުރިހާ ޒުވާނުންނަށް އެމަނިކުފާނު މަރުޙަބާ އާއި ތަހުނިޔާ ރައްދުކުރެއްވިއެވެ.

ޝާހިދުގެ ތަޤުރީރު ނިންމަވާލެއްވީ ޒުވާނުންނަށް މުހިންމު މެސެޖެއް ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަކީ ހަމައެކަނި މުސްތަޤުބަލެއް ނޫން ކަމަށާއި، އެއީ މިއަދުގެވެސް ބާރު ކަމަށެވެ. އަދި މިއަދުގެ ދުނިޔެއަށް ބޭނުންވަނީ އެކަކު އަނެކަކަށް އަޅާލާ، ޖަވާބުދާރީވާނެ، އަދި ގުޅިގެން މަސައްކަތްކުރާނެ އައު ލީޑަޝިޕެއް ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި ޑިޕްލޮމަސީ އިޚްތިޔާރުކުރުމަށް ޒުވާނުންނަށް ގޮވާލެއްވިއެވެ. މުސްތަޤުބަލުގެ ރާޅުތައް ދުނިޔެއާ ބައްދަލުކުރަމުންދާއިރު، ދުނިޔެ ސުލްޙަވެރިކަމާއި އުންމީދުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގެ ޒިންމާ އޮތީ މިއަދުގެ ޒުވާނުންގެ އަތްމަތީގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.