މީގެ ޒަމާންތަކެއް ކުރިން މިރާއްޖޭގައި ވަކިހިއްޕާލި ބިދޭސީންތަކެއްގެ ވާހަކަ އިހުގެ ހަރުފުރައިގެ މީހުން ހަނދާން ހުންނާނެއެވެ. މިޒަމާނުގެ ކުދިންނަށް ފަހަރުގައި އެހާ ރޯފިލާ ނަމަކަށް ނުވެދާނެއެވެ. އާދެ! ވޯރާ ވިޔަފާރިވެރިންނެވެ. މިއީ ކައިރި ގައުމަކުން ރާއްޖެއައި ވިޔަފާރިވެރިން ތަކެކެވެ. މިބައިމީހުންގެ ކަންކަން ހައްދުން ނައްޓައިގޮސް އިގްތިސާދީގޮތުން ރާއްޖެ އަޅުވެތިކުރީ ކަމުގައި ބުނެވެއެވެ. ގަރުނެއް ވަންދެއް މުޅިރާއްޖޭގެ ވިޔަފާރި އެބައިމީހުންގެ މުށުތެރެއަށްލާ، ސިޔާސީވެރިން އުނގަށްލާ، ދިވެހި ސަރުކާރު އެބައިމީހުންނަށް ދަރުވާލާ، ކުޑަކަކުލަށް ތިރިކުރުވިކަމަށް ވެއެވެ. ދިވެހީންގެ ކަންކަމުގައި ބަސްބުނަންފެށި ކަމުގައި ބުނެއުޅެއެވެ. އެބައިމީހުންގެ ނުފޫޒު ދިވެހިންގެ ކަންކަމުގައި ނުހަނު ބޮޑަށް ގަދަވެ، ސަރުކާރަށްވެސް އޮބިނޯތީ ކަމުގައި ފަތްފުށްތަކުގައި ވެއެވެ.
ދައްކަން މިއުޅެނީ މިއަދު މިގައުމުގައި، ވޯރާއިންގެ ކަންކަން ހުރިގޮތާއި ދާދި އެއްމިސްރާބަކަށް، ހައްދުން ނައްޓާފައިވާ ބިދޭސީންގެ ވާހަކައެވެ. 2022ވަނަ އަހަރުގެ ބޯހިމެނުމުނުން މިރާއްޖޭގެ އާބާދީގެ 35އިންސައްތަ ކަމުގައި ދައްކާ ބިދޭސީންގެ ވާހަކައެވެ. ވަކީން ހާއްސަކޮށް ބިދޭސީންގެ ތެރެއިން އެންމެ އާބާދީ ބޮޑު ބަންގާޅުންގެ ވާހަކައެވެ. މިރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން މައިގަނޑު ގޮތެއްގައި އަންނަ މައިގަނޑު 3 ގައުމުގެ ތެރެއިން އެންމެ ކުޑަ އުޖޫރަޔަކަށް، އެންމެ ކަންފަސޭހަ، ކުޑަ ޙަރަދަކުން- މުޑުދާރު ހިޔާވަހިތަކުގައި ގެންގުޅެވެނީ ބަންގާޅުން ކަމުގައިވެއެވެ. ނަތީޖާއަކީ ތޯއެވެ؟
ރާއްޖެއަށް ލަފާ ފަތުރުވެރިޔާއަށް އިސްތިގުބާލުކޮށް، ރާއްޖެއަށް، އާދެ! ދިވެހިންގެ ދިވެހިރާއްޖެއަށް މަރުހަބާކިޔަނީ ބަންގާޅެކެވެ. ފަތުރުވެރިޔާ ދަތުރުކުރާ ސަވާރީގައި ފެންފުޅި ދިއްކޮށްލަނީ ބަންގާޅެކެވެ. ވާއައްސަނީ ބަންގާޅެކެވެ. ނަގިލި އެއްލަނީ ބަންގާޅެކެވެ. ގެސްޓްހައުސް ދޮރުހުޅުވަނީ ބަންގާޅެކެވެ. ފަތުރުވެރިޔާގެ ފޮށިތަންމަތި އުފުލަނީ ބަންގާޅެކެވެ. މަރުހަބާކިޔާ ކޮށިގަނޑުގައިވެސް ބަންގާޅެކެވެ. ގެސްޓްހައުސްއާ ޖެހިގެން ހުރިކަންމަތީ ފިހާރައިގެ ސޭޓަކަށް ބަންގާޅެކެވެ. އެފިހާރައިގައި ބަންގާޅު ސޭޓަށް އެހީވާންވެސް ހަމަ ބަންގާޅެކެވެ. ފިހާރަޔަށް ވިއްކަން ގެންނަ ކަރާހައްދަނީ ބަންގާޅެކެވެ. ކަރާކޮޅު ހިފައިގެން ފިހާރަޔަށް އަންނަނީވެސް ބަންގާޅެކެވެ. ފަތުރުވެރިޔާގޮވައިގެން ރޭގަނޑު މަހަށްދާ ދޯނީގައި، އެން ކޮށަނީވެސް ބަންގާޅެކެވެ. އެންކޮޅު އަޅައިދެނީވެސް ބަންގާޅެކެވެ. ފަތުރުވެރިޔާ ކޮޓަރީގެ ތަންމަތި ބަދަލުކުރަނީވެސް ބަންގާޅެކެވެ. ސުފުރާ ތައްޔާރުކުރަނީވެސް ބަންގާޅެކެވެ. ސުފުރާމަތީގައި ހިދުމަތް ކޮށްދެނީވެސް ބަންގާޅެކެވެ. ބަނދަރުމަތީ އޮޑިފަހަރުގައިވެސް ބަންގާޅުންނެވެ. ދިވެހި އުފެއްދުންތައް ވިއްކަން ހާއްސަ ކޮށްފައިވާ މާރުކޭޓު ގޮޅިތަކުގައި މުޅިންވެސް ބަންގާޅުންނެވެ. ދަނޑުހައްދަނީ، ދަނޑުގައި ހެދޭތަކެތި ކަނޑަނީ، އެތަކެތި ހިފައިގެން މާލެ އަންނަނީ، އެތަކެތި ވިއްކަނީ ބަންގާޅުން، ބަންގާޅުންނަށެވެ. ދިވެހިންނަށް ޖެހިފައި އޮންނަނީ ބަންގާޅުން އަތުން ބޮޑުއަގުގައި ގަތުމަށެވެ. ނިކަމެތިކަން އިހުސާސްވޭ ހެއްޔެވެ؟
ދިވެހިންގެ "ލޭނާރު" ކަމަށްވާ މަސްވެރިކަމުގައި، ފަހުރުވެރި ދިވެހިންގެ މި މަސައްކަތުގައި، ދިވެހި މަސްދޯނިފަހަރުގައި އެކީއެކައްޗަށް ބަންގާޅުންނެވެ. ކާބަފައިން ޖީލުތަކަށް ގެނެސްދިން މި މަސައްކަތަށް ބަންގާޅުން ސަވާރުކުރުވާ، އެންއަޅާ، އެންއުކާ، ދޮށިއަޅާ އެހެރަ ހަދަނީ އެޔެއްމިއެއް ވަކިނުވާވަރަށެވެ. މިވަރުން ނިމުނީއެއް ނޫނެވެ. މަސްމާރުކޭޓުގައިވެސް ބަންގާޅުންނެވެ. އިމާރާތް ކުރާ ސައިޓުތަކުގައި ހުސް ބަންގާޅުންނެވެ. މާލޭގެ މަގުތައް މަރާމާތުކުރަން ބަންގާޅުންނެވެ. ޓެކްސީބޯޑު ނުޖަހާ ހަތަރުފުރޮޅުލީ ކޮންމެ އުޅަނދެއް ދުއްވަން ބަންގާޅެކެވެ. ކޮންމެ ލޮރީއެއް ދުއްވަން ބަންގާޅެކެވެ. އެ ލޮރީފަހަތަށް އަރުވާފައި ހުރި މުދާބާލަނީވެސް ބަންގާޅުންނެވެ. މިހެން ކިތަންމެ ދިގު ލިސްޓެއްވެސް ލިޔެވިދާނެއެވެ.
މި ހުރިހާ ކަމަކަށްވުރެ ބިރުވެރި ކަމަކީ ބަންގާޅުން އަހަރެމެން ދިވެހިން ރަނގަޅަށް ދަސްކުރުމެވެ. އަހަރެމެންގެ ކަންފަސޭހަކަން ދަސްކުރުމެވެ. ފިހާރަޔަށް މަސައްކަތު ގެނައި މީހާ، ފިހާރަ ގަނެލައިފިއެވެ. ދިވެހި މީހާއަށް މަހު ކުއްޔެވެ. ޓޭކްއަވޭ ކަޑަތަކާއި، ކެފޭތަކާއި، ހޯލްސޭލް ވިޔަފާރިޔާ، ގަރާޖުތަކާ، ކޮންސްޓަރްޝަން މަސައްކަތް އަދި ޑޮލަރު ވިއްކުންފަދަ ކަންކަމީ މިމީހުން ވަކިހިއްޕާލާފައިވާ މައިގަނޑު ދާއިރާތަކެވެ. މި ނޫނަސް ލާރިލިބޭ ކޮންމެ ކަމަކަށް މިމީހުން ހޭވައްލާ ތައްޔާރެވެ. ރިހާކުރު ކައްކަނީއެވެ. ފަތްތެލުލަނީއެވެ. ފޯއްކޮށައިގެން ވިއްކަނީއެވެ. ގުޅަހަދައިގެން ވިއްކަނީއެވެ. ބަރގާ ހަދައިގެންވެސް ވިއްކަނީއެވެ. އިމިގްރޭޝަނުން ރެއިޑް ކުރި ތަންތަނުގެ ފޮޓޯތައް ބަލާފައި އަހަރެމެން "އޯކަށްދެމުނީ" އިހައްދުވަހުއެވެ. ފުރިޖެއް މަރާމާތު ކުރަންވިޔަސް، އޭސީއަކުން ފެން ލީކުވިޔަސް، އެނދެއް ރާވާލަންވިޔަސް މި ނޫން ބަޔަކުނެތެވެ.
އަދި މި ބިރުވެރިކަމަށްވުރެ ބިރުވެރި ބިރުވެރިކަމެއްވެސް ލައިގަންނަން ވަނީ ފަށާފައެވެ. މިމީހުން ވަނީ މަސްތުވާތަކެތި ވިއްކުންފަދަ، ހަށިވިއްކުންފަދަ ކުށްތައް ކުރަން ފަށާފައެވެ. ބަނގުރާ ވިއްކުމާއި، މާރަމާރީތަކާ، މީހުން މެރުމުގެ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުންވަނީ ފާހަގަ ކުރެވެން ފަށާފައެވެ.
މިރާއްޖޭގެ ގާނޫނުތަކުގައި ސަރީހަ އިބާރާތުން ބިދޭސީންނަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި، ކުރެވޭނެ، އުޅެވޭނެ ގޮތްތަކުގެ މިންތަކާއި އިންތައް ޖަހާ ރޮނގުދަމާފައި އެބަހުއްޓެވެ. ނަމަވެސް އެހެންތޯއެވެ؟ ޔަގީންވާ އެއްކަމަކީ، ސައިކަލު ފޮހެދިނުމުގެ ހިދުމަތް ދޭކަށް ބިދޭސީންނަކަށް ކޯޓާއެއް ނުދޭކަމެވެ. މުޖައްރިބު ކަމަކީ، "ސްޓޭޓް ބޭންކް އޮފް އިންޑިއާ" ކުރިމަތީގައި ލާރިބޮނޑި ބޮނޑި ހިފައިގެން ޑޮލަރު ވިއްކަން ފާޅުގައި ކޮންމެދުވަހަކު ބަންގާޅުން އެކުރާ ވިޔަފާރިއަކީ ސަރުކާރުން ހުއްދަދީފައި އޮންނަ ކަމެއް ނޫން ކަމެވެ. ސާފުކޮށް ގާނޫނު ތަކުގައި ލިޔެފައިވާ ކަމަކީ، ބިދޭސީއަކަށް މިރާއްޖޭގައި މަސައްކަތް ކުރެވޭނީ އެމީހަކު އައުމުގެ ކުރިން ހުއްދަދޭ ވަކި ކަމެއްކަމެވެ.
ނަމަވެސް ހިތާމައަކީތޯއެވެ! ހޮޓާތަކުގައި ހުންނަ ރޮށީގައި ދިވެހިގޮތް ނެތްކަން ދިވެހިންނަށް ފާހަގަނުވަނީތޯ އެވެ؟ ހެދިކާގައި ދިވެހިގޮތް، ދިވެހި ރަހަ ނުލިޔަސް، އެރަހަ ނެތި ދިޔަޔަސް، ފަރުވާލެއްނެތީ ތޯއެވެ؟ ގައުމު އެމީހުންގެ އަތްމައްޗަށް ދޫކޮށްފައި 500 އެމެރިކާ ޑޮލަރަށް އެމީހުންނަށް ހުރިހާކަމެއް ދޫކޮށްފައި "ބޮޑު ވަރިހަމައިގައި" ތިބެން އަރާމުވީތޯއެވެ؟ ގައުމުގެ ހުރިހާކަމެއްގެ ކަންޓްރޯލް އެމީހުން ނުސީދާކޮށް ނަގައި އަންބޮނޑިޔަށް ޖަހާލާތަން ފެންނަ މީހަކު ނެތީތޯއެވެ؟ "އަހަރެމެން މީހާ ބަރާބަރު ޕަވަރު ހުންނަނީއޭ، ބަރާބަރު ލާރިވެސް ހުންނަނީއޭ، ގިނަ އަންހެނަ މިހާވެސް ހުންނަނީ"އޭ ބުނާއަޑު އެއްކަންފަތުން ވަދެ އަނެއްކަންފަތުން ނުކުމެގެންދަނީ އެއްޗެކޭ ރޭކާވެސް ނުލާތޯއެވެ؟ ބަންގާޅުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހާލިހަދައި، މޫލައި، ވަކިހިއްޕާލާތަން ފެންނަ ދިވެއްސަކު ނެތީތޯއެވެ؟ ދަތްދޮޅީގައި އަތްވިދެލާ ވިސްނާލާކަށް ނުވޭތޯއެވެ؟ އަޅުގަނޑުމެން ދިވެހިން މިހާ ފަރުވާކުޑަވީ ކޮން އިރަކުތޯއެވެ؟ މިހާ ކަންނެތްވީ ކީއްވެތޯއެވެ؟ "ހިހޫ ތަނުން ކާލަން" މާ މީރީތޯއެވެ؟
މިކަމުގައި ގޯހީ އެމީހުންނެއް ނުމެނޫންމެއެވެ. އެމީހުންނަށް ފުރުސަތު ލިބެނީ ދިވެހިން ދިނީތީއެވެ. ވޯރާ ވިޔަފާރިވެރިން ފަދައިންނެވެ. ވޯރާއިން މިގައުމަށް ގެނެސް ދޫކޮއްލީވެސް މާލޭގެ ނުފޫޒުގަދަ އާއިލާޔަކުން، ދެންއޮތް ނުފޫޒުގަދަ އާއިލާގެ ވިޔަފާރި ފުނޑާލާ، އެއާއިލާގެ އިގްތިސާދީ، ސިޔާސީ ނުފޫޒު އިތުރުކުރަންކަމުގައި ބުނެވެއެވެ. މިބީދައިން މިކަން ހިނގިތާ 30ހަކަށް އަހަރުތެރޭގައި، އެމީހުން ހަންފަތުރާ، ފާޅުގައި ސަރުކާރަށް ގޮންޖަހާ، ސަތޭކައެތަކެއް އަހަރުވަންދެން މިގައުމުގައި ތިބިކަން ހަނދާން ނައްތާލުމަކީ ބޮޑު ގޯހެކެވެ. ހުރިހާކަމެއް ގޯހުން ގޯހަށް ގޮސް، ވާގޮތް ރޭކާލީއިރު އޭރުވެސްއޮތީ ދިވެހިންގެ ސިޔާދަތު ގާދޫކޮޅުން ނުކުމެ ޓާޓާ ކިޔާލަ ކިޔާލައެވެ. ކަންނިމި ދިޔައީ މާލޭގެ ވަރަށްގިނަ ތަންތަނުގައި ހުޅުޖަހާ އަންދާލި ފަހުންނެވެ. މިހެން މިފުރުސަތު އަޅުގަނޑުމެން މިހާރުވެސް ދޭނީތޯއެވެ؟ މިއީ، ރާއްޖޭގެ އާބާދީ ކުޑަވެގެން، މަސައްކަތް ކުރާނެ އަތް ނެތިގެން ވާކަމެއް ހެއްޔެވެ؟
އާނއެކެވެ! ބިދޭސީންގެނައުމަކީ މިލިޔަނުން ފައިދާވާ ކަމެއްކަން އެންމެންވެސް ދަނެއެވެ. މިމީހުން އެތެރެކުރުމަކީ ވަކިބަޔަކަށް ނޫނީ ނުވާނެ ކަމެއްކަމުގައި ބުނެވެއެވެ. އޮންނަ އުސޫލުގެ ތެރެއިން، އެކަން ބަލަހައްޓާ މުއައްސަސާމެދުވެރިކޮށް އާދައިގެ ދިވެއްސަކަށް ފަސޭހައިން އެކަން ނުވާނެކަން ނޭނގޭ މީހަކު މަދުވާނެއެވެ. "ކަޓެއް"ނުދީ ކުރާނަމަ "ނުވިހާ ކުއްޖެއްގެ ފޫޅު" ހޯދުންފަދަ ކަމަކަށް މިކަންވެއެވެ. މިއީ ބިދޭސީންގެ ކަންތައް ހައްދުން ނައްޓައި ދިޔަ ހިސާބެވެ. ލާރީގެ ބޭނުމުގައި ގައުމަށް ނުކަތާވަރަށް ބިދޭސީންގެނެސް ރަށުތެރެއަށް ދޫކޮށްލީއެވެ. އަމިއްލައެދުމާއި ފައިސާ ގައުމަށްވުރެ މުހިންމުވީއެވެ. "މަށަށް ކޮންކަމެއްހެއްޔޭ" ވުމުގެ ނަތީޖާ މިމާލޭގެ މަގުމަތިންނާއި، ތުރާކުނުން ފެށިގެން އައްޑޫއާއި ހިސާބަށް ފެންނަން އެހެރީއެވެ. އެމީހުން ގެންގުޅެނީ ކިހިނެއްތޯ ބެލޭނެ ގޮތެއްނެތެވެ. ކުރަނީ ގެނެވުނު މަސައްކަތްތޯ ބަލާނެ ލޮލެއްނެތެވެ. ނިދާ، ކައި ބޮއެ އުޅެނީ އިންސާނީ މިންގަނޑުގައިތޯ ފީތާ އަޅާނެ އަތެއް ނެތެވެ. ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ލިޔެކިއުންތައް ހަމަތޯ ބަލާނެ ބަޔަކު ނެތެވެ. މި "ވަރިހަމަ"އިގައި މިގައުމު ދަނީކަމުގައި ވާނަމަ، ރާއްޖޭގެ މުޅިއާބާދީގެ ތިންބައި ކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް މިހާރުވެސް އޮތް ބިދޭސީންގެ އާބާދީ، ވިއްސަކަށް އަހަރުފަހުން "ވޯރާ ވިޔަފާރިވެރިންނަށް" ވެގެން ނުދާނެބާއެވެ؟