ޔޫރަޕް ބިރުގަންނަވާލާނެ ކަމަށް ބުނެ އައި މެޑްރިޑްއަށް ލަލީގާ ނުލިބި، ސީޒަން ހުސްއަތާ ނިންމާލައިފި

އައްޒަަމް އާދަމް
 
4 ދުވަސް ކުރިން

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން، ރެއާލް މެޑްރިޑާ އެންމެ ވާދަވެރި ބާސެލޯނާ އިން ހޯދައިފިއެވެ.

ލަލީގާގެ މި ސީޒަން ފެށިއިރު، ގިނަ ބަޔަކު އުންމީދުކުރީ ރެއާލް މެޑްރިޑުން ފަސޭހަކަމާއެކު މި ސީޒަނުގެ ޑޮމެސްޓިކް އަދި ޔޫރަޕުގެ މުބާރާތްތައް ނަގާނެ ކަމަށެވެ. އެއީ އެ ޓީމަށް ފްރާންސްގެ ހުނަރުވެރި ފޯވާޑް، ކިލިއަން އެމްބާޕޭ ގެނައުމާއެކު، ވަރުގަދަ އެ ޓީމަށް އިތުރު ބާރެއް ލިބުމާ ގުޅިގެންނެވެ.

އެގޮތުން ރަނގަޅު ފޯމެއްގައި ސީޒަން ފެށި ރެއާލް މެޑްރިޑަށް މި ސީޒަނުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ އަނިޔާގެ މައްސަލަތައް ދިމާވުމެވެ. އެއާއެކު މި ސީޒަނުގައި މެޑްރިޑުގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ.

އެގޮތުން ސްޕެއިންގެ ލީގުގައި މެޑްރިޑާއި އެންމެ ވާދަވެރި ބާސެލޯނާ އިން، ކޮންމެ ޓީމަކު ވެސް 36 މެޗު ކުޅުނު އިރު، ބާސެލޯނާ ވަނީ 85 ޕޮއިންޓް ހޯދާފައެވެ. އެހެން ނަމަވެސް މެޑްރިޑަށް ލިބުނީ 78 ޕޮއިންޓެވެ.

އެއާއެކު ސީޒަނުގައި ބާކީ ދެ މެޗު އޮއްވައި ބާސެލޯނާއިން ލަލީގާ ކާމިޔާބުކޮށްފައިވާއިރު، މި ސީޒަނުގައި ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބު ކުރީ ވެސް ބާސެލޯނާއިންނެވެ. އެގޮތުން ކޮޕަޑެލްރޭގެ ފައިނަލުގައި 3-2 އން މެޑްރިޑް ބަލިކޮށް ބާސެލޯނާއިން އެ ތަށި ހޯދިއިރު، ސްޕެނިޝް ސުޕަ ކަޕް ވެސް ބާސެލޯނާ ހޯދީ ފައިނަލުގައި މެޑްރިޑް 5-2 އިން ބަލިކޮށްގެންނެވެ.

އެހެންކަމުން މި ސީޒަނުގެ ޔޫރަޕިއަން ސީޒަން މެޑްރިޑުން ހުސްއަތާ ނިންމާލާއިރު، ތައްޓެއް ހޯދުމަށް މެޑްރިޑަށް އޮތީ ކުރިއަށް އޮތް ބަންދުގައި އޮތް ކްލަބް ވޯލްޑް ކަޕު އެކަންޏެވެ.