ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި، އެ މައްސަލަ އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވާކަަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ނިންމުމާ ގުޅިގެންނެވެ.
އެގޮތުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީން ސުލޫކީ މައްސަލައެއް ބަލާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.
އެ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ވަނީ ސިއްރު ބައްދަލުވުމެއް ބާއްވައި، އެ މައްސަލައިގައި ޖޭއެސްސީން ޢަމަލުކުރި ގޮތާމެދު ގޯހެއް ނެތް ކަމަށް ކަނޑައަޅައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ޖުޑީޝަރީ ކޮމެޓީން އެފަދައިން ޢަމަލުކުރިއިރު، ޖޭއެސްސީން އެ މައްސަލަ ބަލަން ނިންމީ ގާނޫނީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާދެއްވާފައެވެ.
އެހެން ނަމަވެސް މިއަދު ބޭއްވި މަޖިލީހުގެ މި ދައުރުގެ 31 ވަނަ ޖަލްސާގައި އެ ދެ ފަނޑިޔާރުންގެ މައްސަލައިގައި ބަހުސްކޮށް، ވަކިކުރަން ފާސްކޮށްފައިވާއިރު، އެ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެ ދެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.